މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ފާދިއްޕޮޅުގައި ރަސްމީކޮށް ފަށަން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބުނީ، ރަސްމީކޮށް ދަތުރުތައް ފަށާނީ، ނޮވެމްބަރ 21ގައި ކަމަށާއި އަދި ހަފްތާއެއް ވަންދެއް އެއްވެސް ދަތުރުވެރިއެއްގެ އަތުން ފީ ނުނަގާނެ ކަމަށެވެ. މި މުއްދަތުގައި ދަތުރަށް ނަންނޯޓްކުރާނީ ރަށުކައުންސިލް މެދުވެރިކޮށް ކަމަށާއި، ނަމަވެސް ނޮވެމްބަރ 28ގެ ފަހުން ދަތުރުކުރާނީ ފީ ނަގައިގެން ކަމަށާއި، އެތާރީޚުންފެށީގެން ފެރީން ޖާގަ ހޯދަން ޖެހެނީ އެކުންފުނިން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ކަމަށެވެ.
" ރަސްމީކޮށް އަގުނަގައިގެން ޙިދުމަތް ދޭން ފެށުނުކަމުގައިވީނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގައި ރަޖިސްޓްރީ ވެފައިވާ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ" ކަމަށް އެ ކުންފުނިން ބުނެއެވެ.
ފާދިއްޕޮޅުގެ ދަތުރުތަކުގެ އަގުތައް އުޅޭނީ 35 ރުފިޔާއާ 125 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ފާދިއްޕޮޅު ހިމެނެނީ، ދަތުރުފަތުރު ނިޒާމަށް ކަނޑައަޅާފައިވާ ޒޯން 2ގެ އަތޮޅުތަކުގެ ތެރޭގައެވެ. މީގެ ކުރީން އެ ކުންފުނީން ވަނީ، ޒޯން 1ގައި ހިމެނޭ ހއ، ހދ އަދި ށގައި ދަތުރުތައް ފަށައިފައެވެ.