މީޑިއާތަކުން ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްޤަކަށް އުނިކަމެއް އަތުވެދާނެފަދަ ގޮތަކަށް ޚަބަރު ނުލިޔުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިދީފައި ވީހިނދު، އެ މިނިވަންކަމުގެ ޙައްޤަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭނެ ޙައްޤެއްކަމުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

" ނޫސްވެރިންނާއި މީޑިއާތަކުން އެ ޙައްޤު ބޭނުންކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދަށާއި އަދި ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް، އެންމެހައި ނޫސްވެރިންނާއި މީޑިއާތަކަށް ހަނދާންކޮށްދެމެވެ." ކައުންސިލުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ޚަބަރު ފަތުރާއިރު، ޝާމިލްވާ ހުރިހާ ފަރާތެއްގެ ބަސް ހިމެނުމަށާއި، ސައްހަ މައުލޫމާތު ހިމެނުމަށާއި، އިސްލާމްދީނާއި ޚިލާފު، މުޖުތަމަޢުގެ އާންމު އަޚުލާޤީ މިންގަނޑާ ޚިލާފު މައުލޫމާތާ ޚަބަރު ނުފެތުރުމަށާއި، ޒިންމާދާރުކަމާއެކު ޚަބަރާއި މައުލޫމާތު ފެތުރުމަށްވެސް އިލްތިމާސްކޮށްފައިއެވެ.