ސަހްޔޫނީ އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުން އަންނަ ޣައިރުޤާނޫނީ އުދުވާނީ ހަނގުރާމައާ ގުޅިގެން، ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހަކު ގޭގައި ތިބެގެން މަސައްކަތްކުރާގޮތަށް އެ އޮފީހުން ހަމަ ޖައްސައިފިއެވެ. 

މީގެ އިތުރުން، 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް އަންނަނިވި ބަދަލުތައް ގެނައުމަށް ވެސް ވަނީ ހަމަ ޖެހިފައެވެ. އެއީ، ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުމާއި، ކަރުދާސް ބޭނުންކުރުން މަދުކުރުމާއި، އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުންވެސް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ. 

ޕީޖީއޮފީހުން ބުނީ، ކޮންމެ އަންގާރަ ދުވަހަކު އެ އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށާއި، އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނޭ ކަމަށެވެ. އަދި ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނޭ ކަމަށެވެ.