ސިޔާސީގޮތުން މަތިފަޑީގައި ތިބޭ ފަރާތްތައް ރައްޔިތުންގެ ގާތަށް އަންނާން މަޖުބޫރުކުރުވާ ޙާލަތްތައް ވަރަށް މަދެވެ. ޢާންމުކޮށް މިފެންނަނީ ރައްޔިތުމީހާ އެވެރީންގެ ގާތަށް ސަލާންޖަހަން ދާންޖެހޭފަދަ ޙާލަތްތަކެވެ. އެއީ ޒަމާނުއްސުރެން ސިޔާސީ ފަރާތްތަކުން އެކަން ބާއްވާން ބޭނުންވާ ގޮތްވެސްމެއެވެ. ރައްޔިތުމީހާ އަބަދުވެސް ހުންނާން ޖެހޭނީ އެވެރީންގެ އިޝާރާތަށް ނަށާން މަޖުބޫރީ ޙާލަތުގައެވެ. 

ސިޔާސީ ފަރާތްތަކުން ރައްޔިތުމީހާ ގާތަށް "ނާށިގަނޑު ހިފައިގެން އަންނާން މަޖުބޫރުވާ އެންމެ ނާޒުކު ޙާލަތަކީ އިންތިޚާބެވެ." އެހެންކަމުން އިންތިޚާބުތައް ގިނަވީ ވަރަކަށް އެވެރީން އަހަރެމެންނާ ގާތަށް، އަންނާން މަޖުބޫރުކުރުވައެވެ. އިންތިޚާބުގެ ސަބަބުން އެވެރީން ހޭބަލިކޮށްލާ މިންވަރަކީ، ގޭގެއަށް ގޮސް، ކުނިކަހައިދީ، ފެންފޮތިލައިދީ، ތެލިތަށިދޮވެ، ކޮނޑަށް އަތްލައި، ބައްދައި ސަމާސާކޮށް، ހަދިޔާބަދިޔާ ބަދަލުކޮށް އުޅޭއިރު ހީވާނީ، އެއަށްވުރެ ގާތް، ލޯބިވާ، ހެޔޮއެދޭ ދެވަނަ އެހެން މީހަކު ނުވަތަ ބަޔަކު ނެތްފަދައެވެ. އެހެނަސް އިންތިޚާބު ނިމުމާއެކު އެކަން ނިމުނީއެވެ. ގެއްލުނީއެވެ. ދެން އަނެއްކާވެސް ފެންނާނީ ދެން އަންނަ އިންތިޚާބަށެވެ. 

ވީމާ، މިއީ ރައްޔިތުމީހާ ތާއަބަދު ސަމާލުވާން ޖެހޭކަމެކެވެ. ތިމާމެންނަށް ސިޔާސީ ފައިދާއެއް ކުރާނޭ ހަމައެކަނި މޫސުމަކީ އިންތިޚާބީ މޫސުމެވެ. އިންތިޚާބުތައް ގިނަވީ ވަރަކަށް ރައްޔިތުމީހާއަށް ކުރާ މަންފާ ބޮޑުވާނެއެވެ. އެހެންކަމުން، ދޫނި ބަނޑު ފަޅައިގެންދާންދެން ވޯޓުއެޅިޔަސް މައްސަލައެއް ނެތެވެ. ތިލަފަތް ބަންޑުންވަންދެން ވޯޓު ދިނަސް ވަރިހަމައެވެ.

އެކަމަކު!!! އެވެރީން ރައްޔިތުމީހާގެ ގާތަށް "ސަލާންޖަހަން "އަންނާން މަޖުބޫރުކުރުވާ މައިގަނޑު ސަބަބު ނެތިކޮށްލިޔަދީގެން ނުވާނެއެވެ. ދެ އިންތިޚާބު އެއްކޮށްލުމުން މިވަގުތު ރައްޔިތުންނަށް ވާނޭ އެއްވެސް ފައިދާއެއް ނެތެވެ. މޮޅެތި ވާހަކަ ދައްކާނެއެވެ. އަދި ދެއްކިދާނެއެވެ. މިއަދު ކޮންމެ އެއްޗެކޭ ކިޔަސް، ސިޔާސީ ހުރިހާ ޕާޓީއަކުންވެސް (ޚާއްސަކޮށް ވެރިކަމުގައި ތިބޭއިރު) ބޭނުންވާނީ ރައްޔިތުން ގާތަށް އެވެރީން ސަލާންޖަހަން ދިއުން ހުއްޓުވާށެވެ. މާނައަކީ، އިންތިޚާބުތައް މަދުކުރާށެވެ. ދެ އިންތިޚާބު އެކުގައި ބޭއްވުމުން އެވެރީން ޖަވާބުދާރީކުރުވާން ހުރި ހަނި މަގުތައް އެބަ ބަންދުވެއެވެ.

ފިސާރި އަސްލަށް، ތެދު ޙަޤީޤަތަށް ވާހަކައެއް ބުނަން ހެއްޔެވެ. މިއީ ޕާޓީއަށް ދޭ ވޯޓަކަށް ނުހަދާށެވެ. މިއީ އެންމެހާ ރައްޔިތުންގެ ޙައްޤުގައި، ޤައުމުގެ ޙައްޤުގައި، ކުރިއަށް އޮތް ޖީލުތަކުގެ ޙައްޤުގައި، ތިމާގެ އަމިއްލަ ޙައްޤުގައި، ދަރީންގެ ޙައްޤުގައި، އަދި ދަރީންގެ ދަރީންގެ ޙައްޤުގައި ދޭ ވޯޓަކަށް ހަދާށެވެ. އެވެރީން ޖަވާބުދާރީވާން މަޖުބޫރުކުރެވޭނެ ހުރި މަދު ސަބަބުތައް މިގޮތަށް ބަންދުކޮށްލިޔަ ދީގެން ނުވާނެއެވެ.

ހެޔޮނިޔަތުގައި ކޮށްފިނަމަ ޚަރަދު ކުޑަކުރާން ކުރެވޭނޭ ބައިވަރު ކަންކަން އެބަހުއްޓެވެ. އެކަމަކު ނިމިދިޔަ ސަރުކާރުންވެސް އަދި މި ސަރުކާރުންވެސް ޚަރަދުކުޑަކުރާން ކުރި އަދި ކުރަމުންދާ އެއްވެސް ކަމެއް ނެތްތާއެވެ.

ވީމާ، 4 އޭޕްރީލް ދުވަހު ކޮންމެ ރައްޔިތަކުވެސް ކައުންސިލަށް ހޮވާން އެ ރައްޔިތަކަށް ހަމަ ފެންނަ، ނުވަތަ މަޖުބޫރީ ޙާލަތެއްގައި ވޯޓުދޭން މަޖުބޫރު ކެންޑިޑޭޓުން ތިބި ނަމަވެސް ލޯމަރާލާފައި ނުވަތަ ހިތާ ދެކޮޅަށް އަދި އެއްކޮޅަށް ނަމަވެސް ވޯޓުދީ ނިންމައިލާށެވެ. އެހެނަސް އެދުވަހު ނަގާ ޚިޔާލުހޯދުމުގެ ވޯޓާމެދު ރަނގަޅަށް ވިސްނައި ފިކުރުކޮށް، މަތީގައި ބުނެވިދިޔަ ސަބަބުތަކަށް ރިޢާޔަތްކޮށް ވޯޓުދޭށެވެ. ރައްޔިތުންގެ ގާތަށް އެވެރީން އަންނާން މަޖުބޫރުކުރުވާ ސަބަބު ނެތިކޮށްލިޔަ ނުދޭށެވެ.